ރަމަޟާން މަހު ސްކޫލްތައް ބަންދުކޮށް، ދީނީ ހަރަކާތްތަކާއި މުބާރާތްތައް ބޭއްވިދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝަފީއު ފޭސްބުކްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރޯދަމަހުގައި ކިޔެވުން ބަންދުކުރުމަށް ރައީސް އަރިހުގައި ގިނަ ބެލެނިވެރީން އެދެމުންދާތީ، އެއީ ކުރެވިދާނެ ކަމެއްތޯ ބެއްލެވުމަށް ދެއްވާފައިވާ އިރުޝާދާއި ގުޅިގެން ބައެއްފަރާތްތަކުން މިކަމާއިގުޅޭގޮތުން އޮޅުންފިލުވަން ބޭނުންވާ ކަމަށެވެ.
މިގޮތުން މިނިސްޓަރުގެ ޕޯސްޓުގައި 6 ކަމެއް ފާހަގަކުރައްވަމުން ވިދާޅުވި ގޮތުގައި،
1. ރޯދަމަހުގެ ފަހު 10 ބަންދުވުމުން، އެދުވަސްތައް އުނިކޮށް ރޯދަމަހުގެ ބާކީ ސަރުކާރު ހުޅުވާ ދުވަސްތަކުގެ އަދަދަކީ 12 ނުވަތަ 13 ދުވަހެވެ. މި 12 ނުވަތަ 13 ދުވަހުގައި ކިޔަވައިދެވެނީ ރޯދަމަސް ނޫން އެހެންމަސްތަކުގެ 6 ދުވަހުގެ ކިޔަވައިދިނުމެވެ.
2. ރޯދަމަސް ބަންދުކުރުމަށް ގިނަ ބެލެނިވެރިން ރައީސްގެ އަރިހުން އެދިފައިވަނީ މަދު ވަގުތުތަކަކަށް އިސްކޫލަށް ދަރިވަރުން ގޮވައިގެން ދިއުމުގެ ތަކުލީފުގެ އިތުރަށް، ރޯދަމަހުގައި ކިޔަވައިދިނުމަށް މިހާރު ހަމަޖެހިފައިވާ 12 ނުވަތަ 13 ދުވަހުގެ ކިޔަވައިދިނުން އެހެން މަސްތަކުގެ ހައެއްކަ ދުވަހުން ގެންދެވޭނޭކަމަށް ބެލެވޭތީއެވެ.
މީގެ އިތުރަށް ރޯދަމަހުގައި ގިނަ އަދަދެއްގެ ދަރިވަރުން ގަވާއިދުން އިސްކޫލަށް ހާޒިރުނުވުމާއި މުދައްރިސުންގެ ތެރެއިންވެސް ބައެއް މުދައްރިސުން އާންމު މަސްތަކާއި ޚިލާފަށް ރޯދަމަހުގައި ސަލާމުގެ ނުވަތަ އާއިލީ ޒިންމާގެ ޗުއްޓީ ނެގުން އިތުރުކަމަށް ރެކޯޑުތަކުން ދައްކާތީއާއި އަދި މިކަންކަމުގެ ސަބަބުން ކިޔަވައިދިނުން އެންމެ އެކަށީގެންވާ ގޮތަށް ނުގެންދެވުމަކީވެސް ފާހަގަކޮށްލަންޖެހޭ ކަމެކެވެ.
3. ރޯދަމަހުގެ ދުވަސްތަކުގައި ޢާންމު އުސޫލުން ކިޔަވައިދިނުމުގެ ބަދަލުގައި ޕްރޮޖެކްޓް-ބޭސްޑް ލާނިންގ ފަދަ ހަރަކާތްތަކާއި، އިސްލާމްދީނަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތަކާއި، ކީރިތި ޤުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބިޖެއްސުމަށް ހިންގާ ތަފާތު ހަރަކާތްތަކާއި މުބާރާތްތަކުގެ އިތުރަށް އަދަބީ ހަރަކާތްތަކަށް އިސްކަންދީގެން އިސްކޫލުގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެއެވެ. އަދި މީގެ އިތުރަށް މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓުގެ އެކި ހަރަކާތްތައްވެސް ގެންދެވިދާނެއެވެ.
4. މިފަދަ ބަދަލެއް ގެނައި ކަމުގައިވިޔަސް، ބައިނަލްއަޤުވާމީ އިމްތިހާނުތަކަށް ތައްޔާރުވާ ކީ ސްޓޭޖް 4 އަދި 5ގެ ދަރިވަރުންގެ ކިޔެވުން އޮންނާނެއެވެ.
5. މި ދުވަސްތަކުގައި ހުރިހާ މުދައްރިސުން ރަސްމީކޮށް މަސައްކަތައް ނުކުންނަވާނެއެވެ. މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ އަބަދުވެސް އޮންނަގޮތައް ކޮންމެ އަހަރެއްގެ ދިރާސީ އަހަރު ނިމުމުންނެވެ. މިގޮތުން 2025ގެ ދިރާސީ އަހަރުން ފެށިގެން މުދައްރިސުންގެ އަހަރީ ޗުއްޓީ ލިބޭނީ ޑިސެމްބަރ މަހުން ފެށިގެންނެވެ.
6. 2025ގެ ދިރާސީ އަހަރު ފެށުމުން، އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ދެއްވާފައިވާ ލަފާފުޅާމެދު ސްކޫލްތަކުގެ މުދައްރިސުންނާއި، ޕްރިންސިޕަލުންނާއި ބެލެނިވެރިންނާއި މަޝްވަރާކުރަން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.
ރައްޔިތުންނާއެކު“ މި ނަމުގައި ކުރިއަށް ގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ އަންނަ އަހަރުން ފެށިގެން ރަމަޟާން މަހު ސްކޫލްތައް ބަންދުކުރެވޭތޯ ބައްލަވައި ދިނުމަށް މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.




