ސްރީ ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް، އެ ގައުމުގެ ”ސްރީލަންކާ ގާޑިއަން“ ނޫހުން އާންމުކުރި ރިޕޯޓެއްގައި ބުނެފިއެވެ.
އިއްޔެ އާއްމުކުރި އެ ރިޕޯޓުގައި ބުނީ، 2019 ގެ ނިޔަލަށް އެ ގައުމުގައި 8،000 އެއްހާ ދިވެހިން ދިރިއުޅުނު އިރު، އެ އަދަދު މިހާރު ވަނީ 1،280 އަށް ދަށްވެފައި ކަމަށެވެ.
އެ ރިޕޯޓުގައި އިތުރަށް ބުނީ ސްރީލަންކާގެ ވިސާއަށް ގެނެވުނު ބަދަލަކީ ދިވެހިން މަދުވި މައިގަނޑު އެއް ސަބަބެވެ.
ކުރިން ދިވެހިންނަށް ދެމުންދިޔަ އެއް އަހަރު ދުވަހުގެ މަލްޓިޕްލް އެންޓްރީ ވިސާ މިހާރު ވަނީ 6 މަހަށް ކުރުކޮށްފައެވެ. މީގެ ސަބަބުން ގިނަ ދިވެހިން ވަނީ އިންޑިއާ، މެލޭޝިއާ އަދި އެހެނިހެން ގައުމުތަކަށް ބަދަލުވެފައި ކަމަށް އެރިޕޯޓުގައި ބުނެފައިވެއެވެ.
ލަންކާއަށް އަންނަ ދިވެހިން މަދުވާން ފެށިކަން ބޮޑަށް ފާހަގަކުރެވެންފެށީ، ލަންކާއަށް 2019 ވަނަ އަހަރު ދިން ޓެރަރިސްޓު ހަމަލާގެ ފަހުން ކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.


