ޖިރޯނާއާ ދެކޮޅަށް 4-1 އިން މޮޅުވުމާއި ގުޅިގެން، ބާސާ އޮތް ރަނގަޅު ފޯމަށް އެ ޓީމުގެ ކޯޗު ހަންސި ފްލިކް ތައުރީފުކޮށް ފިއެވެ.
ލަލީގާގެ ޕޮއިންޓް ތާވަލުގައި ބާސާ މިހާރު އޮތީ ދެވަނައިގައި އޮތް ރިއަލް މެޑްރިޑްއަށް ވުރެ 3 ޕޮއިންޓް ކުރީގައި، ތާވަލުގެ އެއްވަނައިގައެވެ.
އެސްޓަޑި އޮލިމްޕިކްގައި ރޭ ކުޅުނު މެޗަށްފަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ފްލިކް ބުނީ، މިވަގުތު ބާސާ އޮތީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ. ބޯޅަ ލިބޭއިރު ގިނަ ފުރުސަތުތަކެއް ހޯދަމުންދާ ކަމަށާއި، އަދި ހުސްވަގުތުކޮޅަށްފަހު ޓީމުން ރިއެކްޓްކުރާ ގޮތާއި، ކާމިޔާބީއަށް ޓީމުން ދެއްކާ ޑޮމިނަންސްއާމެދު އުފާވާކަމަށްވެސް ފްލިކް ބުންޏެވެ.
ބާސެލޯނާ މިހާރުވަނީ ވިދިވިދިގެން 20 މެޗުން ބަލިނުވެ ކުޅެފައެވެ. ނަމަވެސް ފްލިކްއަށް އެއަށްވުރެ މުހިންމީ ޓީމުގެ އެޕްރޯޗް ކަމަށް އޭނާ ބުންޏެވެ.
”އަޅުގަނޑުގެ ޓީމުގެ މޮޅު ކަމަކީ އަބަދުވެސް ގިނަ ލަނޑު ޖަހަން ބޭނުންވުން. އަދި ހުރިހާ ކުޅުން ތެރިންވެސް އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރޭ. ”ފްލިކް ބުންޏެވެ.
ބާސެލޯނާގެ ޖާޒީގައި ރޭ 100 ވަނަ މެޗު ކުޅުނު އެރިކް ގާސިއާގެ ކުޅުމަށް ފްލިކް ވަނީ ތަޢުރީފުކޮށްފައެވެ. އޭނާ ބުނީ ގާސިއާއަކީ އަބަދުވެސް ރަނގަޅަށް ކުޅެ، ރަނގަޅަށް ތަމްރީނުކުރާ ވަރަށް ޕްރޮފެޝަނަލް ކުޅުންތެރިއެއް ކަމަށެވެ.
ފްލިކް އިތުރަށް ފާހަގަކުރި ގޮތުގައި އިތުބާރަކީ އެންމެ ތަޖުރިބާކާރު ކުޅުންތެރިންނަށްވެސް މުހިންމު ކަމެކެވެ. އެގޮތުން ލެވަންޑޮވްސްކީއަކީ ވަރަށް މުހިންމުކުޅުންތެރިއެއް ކަމަށް ފްލިކް ފާހަގަކުރިއެވެ. އަދި ލެވަންޑޮވްސްކީއަށް އިތުބާރުކުރާކަމަށް ފްލިކް ބުންޏެވެ.
ބާސާ ދެން ކުޅޭނީ ބުރާސްފަތި ދުވަހު އެތުލެޓިކޯ އާ ދެކޮޅަށެވެ. ކޮޕާ ޑެލްރޭގެ މި މެޗު އޮންނާނީ އެތުލެޓިކޯގެ އަމިއްލަ ދަނޑުގައެވެ.




