މެންޗެސްޓަރް ސިޓީގެ ފޯވާޑު އާލިންގް ހާލަންޑުގެ ކުޑަ ހުޅަށް ލިބުނު އަނިޔާގެ ސަބަބުން 7 ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައިވާ ކަމަށް މެނޭޖަރު ޕެޕް ގުއާޑިއޯލާ ބުނެފިއެވެ.
ހާލަންޑަށް އަނިޔާވީ އާދިއްތަ ދުވަހު ބޯންމަތުއާ ދެކޮޅަށް ކުޅުނު އެފްއޭ ކަޕްގެ ކުއާޓަރް ފައިނަލް މެޗުގައެވެ.
އެ މެޗުގައި ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްދިނުމަށް ފަހު، ނޯވޭގެ ތަރި ހާލަންޑް 61 ވަނަ މިނެޓުގައި އަނިޔާވެ ބަދަލުކުރެވުނެވެ. އޭނާގެ ބަދަލުގައި ކުޅެން އައި އޯމާރް މަރްމޫޝް ވަނީ ލަނޑެއް ޖަހައި، 2-1 އިން އެ މެޗު ކާމިޔާބުކޮށް، ޓީމު ސެމީ ފައިނަލަށް ގެންގޮސްދީފައެވެ.
ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވީޑިއޯއެއްގައި، 24 އަހަރުގެ ހާލަންޑް ވައިޓެލިޓީ ދަނޑުން ކޮރުޖަހަމުން ފޭބިއިރު، އޭނާގެ ކުޑަހުޅު ރައްކާތެރިކުރާ ބޫޓަކަށް އަރައިގެން ހުރި މަންޒަރު ފެނުނެވެ.
ގުއާޑިއޯލާ ބުނި ގޮތުގައި، މެޑިކަލް ޓީމުން ލަފާދީފައިވަނީ ރަނގަޅުވުމަށް 5 އާއި 7 ހަފްތާއާ ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށެވެ. އަދި އުއްމީދުކުރެވެނީ ސީޒަން ނިމޭއިރު، ކްލަބް ވޯލްޑް ކަޕަށް އޭނާއަށް ތައްޔާރުވެވޭނެ ކަމަށެވެ. އަދި މިފަދަ ކަންކަން ބައެއް ސީޒަންތަކުގައި ދިމާވާނެ ކަމަށްވެސް އޭނާ ބުންޏެވެ.
މެންޗެސްޓާ ސިޓީން ހޯމަ ދުވަހު ހާމަކުރި ގޮތުގައި، ހާލަންޑް މި އަނިޔާއާ ގުޅިގެން ސްޕެޝަލިސްޓަކާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މި އަހަރުގެ ފަހުކޮޅު ބޭއްވޭ ފީފާ ކްލަބް ވޯލްޑް ކަޕުގައި ހާލަންޑަށް ބައިވެރިވެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެޓީމުން ބުނެފައިވެއެވެ.



