އޯޓިޒަމް ހުންނަ ފަރާތްތަކަކީ އެެއްވެސް ތަފާތުކުރުމެއް ނެތި މުޖުތަމަޢުގެ ހުރިހާ ކަމެއްގައިވެސް ބައިވެރިވުމުގެ ފުރުޞަތު ލިބެން ޖެހޭ ބައެއް ކަމަށް ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީން ބުނެފި އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ އޯޓިޒަމަށް ހޭލުންތެރި ކުރުވުމުގެ ދުވަހާ ގުޅިގެން މިނިސްޓްރީން އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ އޯޓިޒަމް ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގައި މުހިންމު ދައުރެއް އަދާކުރާ، އެެއްވެސް ތަފާތުކުރުމެއްނެތި މުޖުތަމަޢުގެ ހުރިހާ ކަމެއްގައިވެސް ބައިވެރިވުމުގެ ފުރުޞަތު ލިބެންޖެހޭ ބައެއް ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެ ފަރާތްތަކުގެ ޤާބިލިއްޔަތުކަމާއި ހުނަރުތައް ފާހަގަކޮށް، އޯގާތެރި އަދި ޝާމިލުކުރަނިވި މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރަން ޖެހެއެވެ.
މި އަހަރުގެ އޯޓިޒަމް ދުވަހާ ގުޅިގެން މުޅި މި މަހަށް ބަހާލައިގެން އެކި ހަރަކާތްތައް ހިންގުމަށް ހެލްތު މިނިސްޓްރީންވެސް ނިންމާފައިވާއިރު، މި އަހަރު އޯޓިޒަމް ދުވަހުގެ ޝިއާރަކީ ”އެޑްވާންސިން ނިއުރޯޑައިވާސިޓީ އެންޑް ދަ ޔޫއެންސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް“ އެވެ.
އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފައިވާ ގޮތުގެ އެތަނުގެ ދަފުތަރުގައި މި ވަގުތު ޚިދުމަތް ހޯދާ 168 ކުދިން އެބަތިއްބެވެ.
މި ދުވަސް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރަމުން އަންނަނީ 2007 އިން ފެށިގެންނެވެ.



