ބޮލިވުޑްގެ މަޝްހޫރު ދެ ތަރި ޝްރަދާ ކަޕޫރު އަދި އަދިތިޔާ ރޯއި ކަޕޫރު އަލުން ލޯބީގެ ފިލްމެއް ކުޅެން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
މި ދެ ތަރިން އެންމެ ފަހުން އެއްކޮށް ފެނިގެން ދިޔައީ 2017 ވަނަ އަހަރު ”އޯކޭ ޖާނޫ“ އިންނެވެ.
ޕިންކްވިލާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ފިލްމް މޭކަރު މޮހިތް ސޫރީ ވަނީ މި ދެ ތަރިންނާއެކު އައު ލަވްސްޓޯރީއެއްގެ މައިގަނޑު އައިޑިއާ ހިއްސާކޮށްފައެވެ. މި މަޝްރޫޢު މިހާރު ވަނީ އެންމެ ފުރަތަމަ މަރުހަލާގައި ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ސްކްރިޕްޓް ލިޔެ ނިންމުމަށް ސޫރީ ރާވާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމުގައި އެކްތާ ކަޕޫރުގެ އެހީތެރިކަން ލިބިދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް މި މަޝްރޫޢާ ގުޅޭގޮތުން ފައިނަލް ނިންމުމެއް ނިންމާނީ އަހާން ޕާންޑޭ އަދި އަނީތް ޕައްދާގެ އަންނަން އޮތް ފިލްމް ރިލީޒްވުމަށްފަހުގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އަދިތިޔާ ރޯއި ކަޕޫރު އެންމެ ފަހުން ފެނިގެން ދިޔައީ ސަންދީޕް މޯދީގެ އެކްޝަން ކްރައިމް ތްރިލަރ ”ދަ ނައިޓް މެނޭޖަރ“ އިންނެވެ. މިއީ 2016 ވަނަ އަހަރު ނެރުނު ބްރިޓިޝް ޓެލެވިޜަން ސީރީޒްގެ ރީމޭކެކެވެ.
މި ފިލްމުގައި އަނިލް ކަޕޫރު އަދި ޝޯބިތާ ދުލިޕާލާ ލީޑް ރޯލްތަކުން ފެނިގެން ދިޔައެވެ.




