މިޔަންމާއަށް ދިމާވި ބިންހެލުމުގެ ކާރިސާއާ ގުޅިގެން އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއް މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ސްރީ ލަންކާ ސަރުކާރުން ނިންމައިފިއެވެ.
މި ކަން ހާމަކުރެއްވީ ސްރީ ލަންކާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ އަރުން ހެމަޗަންދްރާއެވެ.
ބެންކޮކްގައި މިޔަންމާގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރ ޔޫ ތާން ސްވޭއާއެކު ބޭއްވި ބައްދަލުވުމެއްގައި، ހެމަޗަންދްރާ ވަނީ މިޔަންމާގެ ރައްޔިތުންނަށް ސްރީ ލަންކާގެ ހަމްދަރުދީއާއި، ސަޕޯޓު ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
އަރޫން ހެމާޗަންދުރާ ވިދާޅުވީ ފައިސާގެ އެހީގެ އިތުރުން މިޔަންމާއަށް މި ވަގުތު ބޭނުންވާ ޒަރޫރީ ތަކެތި ވެސް ފޯރުކޮށް ދޭން ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއިި ބޭސް ހިމެނެ އެވެ. މީގެ އިތުރުން މިޔަންމާ އިން ސިއްހީ އެހީތެރިން ބޭނުންވާ ހާލަތުގައި އެ އެހީ ވެސް ފޯރުކޮށް ދޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިޔަންމާއަށް ލަންކާ އިން އެހީވާން ނިންމުމާ ގުޅިގެން ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށް ސަރުކާރުން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު މިޔަންމާއަށް އެރި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އެ ޤައުމުން މިހާތަނަށް 2000 އަށްވުރެ ގިނަ މީހުން މަރުވެ، 3000އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.
މި ބިންހެލުމުގެ އަސަރު ދެން އެންމެ ބޮޑަށް ކޮށްފައިވާ ބެންކޮކްގެ އިމާރާތެއް ވެއްޓިފައިވާތީ، އެ ޤައުމުންވެސް 19 މީހަކު ވަނީ މަރުވެފައެވެ.




