ގިނަ އަދަދެއްގެ ބަނގުރަލާއިއެކު ހުޅުމާލެއިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ، ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފުޅިތަކެއް އަޅާފައި ހުރި ފޮށިތަކެއް އަރުވައިގެން ވޭނެއް ހުޅުމާލެއަށް ދަތުރުކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިރޭ 21:46 ގައި ހުޅުމާލޭ ރީތިގަސް މަގުން އެ ވޭން ހުއްޓުވައި ބަލައި ފާސްކުރެވުނު ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެ ވޭން ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 500 އެމްއެލް ގެ 75 ފުޅި ފެނިފައިވެއެވެ. އަދި ފުލުހުން މިހާރު ވަނީ އެ ވޭން ޓޯކޮށްފައެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ނޭޕާލް ރައްޔިތެއް ކަމަށްވާ ތިރްތަ ބަހަދުރު ބީ.ކޭ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



