ކުޅުދުއްފުށި ސިޓީގެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްފިއެވެ.
ފުލުހުން މިރޭ އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ ކުޅުދުއްފުށީގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު މިރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށެވެ.
ފުލުހުން ބުނީ އުމުރުން 34 އަހަރުގެ އެ މީހާއަށް ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.
އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭތެރޭގެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައެއްގައި އޭޕްރިލް 2 ވަނަ ދުވަހު ހައްޔަރުކުރި މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއެކު ކަމާ ބެހޭ މައުލޫމާތުތައް ހިއުމަން ރައިޓްސް ކޮމިޝަނާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ހިއްސާކޮށްފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހާދިސާ ތަހުގީގުކުރަން ފުލުހުންގެ މޭޖާ ކްރައިމްސް ޑިޕާޓްމަންޓުގެ ފުލުހުންގެ ޓީމެއް ކުޅުދުއްފުށްޓަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ޓީމުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.




