ސްޕެނިޝް ލަލީގާގައި ރޭ ވެލެންސިއާ އަތުން ރެއާލް މެޑްރިޑް ބަލިވިއިރު، ބާސާއާއި ރެއާލް ބެޓިސް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ބެޓިސް އާއި ދެކޮޅަށް ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ. ރެއާލް މެޑްރިޑް ގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ވެލެންސިއާ އަތުން ބަލިވީ 1-2 ގެ ނަތީޖާއިންނެވެ.
ބާސާއާއި ރެއާލް ބެޓިސް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 7 ވަނަ މިނިޓުގައި ބާސާއިން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ބާސާއަށް ޖަހައިދިނީ 20 އަހަރުގެ ޒުވާން މިޑްފިލްޑަރު ގަވީ އެވެ.
ނަމަވެސް އޭގެ 10 މިނެޓް ފަހުން ބެޓިސް ވަނީ ލަނޑެއް ޖަހައި މެޗު އެއްވަރުކޮށްފައެވެ. މި ލަނޑު ޖަހައި ދިނީ ޖިއޯވާނީ ލޯ ސެލްސޯގެ ކޯނަރއަކުން ޑިފެންޑަރު ނަތަން، އޭނާގެ ބޮލުންނެވެ. އެއަށް ފަހު ދެ ޓީމުންވެސް މެޗުގެ ނަތީޖާ ބަދަލުކޮށް ލަނޑެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.
ރެއާލް މެޑްރިޑުން ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 13 ވަނަ މިނިޓުގައި ރެއާލް އަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ވިނިޝިއަސް ޖަހަން މަސައްކަތް ކުރި އެ ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ. އޭގެ ދެ މިނިޓު ފަހުން މުކްތަރް ޑިއަކަބީ ވަނީ ވެލެންސިއާއަށް ލަނޑެއް ޖަހައި ލީޑު ނަގައިދީފައެވެ.
މެޗުގެ 50 ވަނަ މިނިޓުގައި ރެއާލް ގެ ވިނިޝިއަސް ލަނޑެއް ޖަހައި މެޗު އެއްވަރުކުރި ނަމަވެސް ދެވަނަ ހާފުގެ އިތުރު ވަގުތުގައި ވެލެންސީއާ ގެ ޑުރޯ ލަނޑު ޖަހައި ވެލެންސިއާ މޮޅުކޮށްދިނެވެ.
މި މެޗުތަކަށް ފަހު ލީގުގެ ތާވަލަށް ބަލާއިރު، ބާސާ އޮތީ ދެވަނައިގައި އޮތް ރެއާލް އާއި 4 ޕޮއިންޓުގެ ތަފާތަކުން ތާވަލުގެ އެއްވަނައިގައެވެ.
ކުޅުނު 30 މެޗުން ބާސާއަށް 67 ޕޮއިންޓު ލިބުނު އިރު ރެއާލްއަށް ލިބުނީ 63 ޕޮއިންޓެވެ.




