އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން މަސައްކަތް ކުރުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި ހިޔާލަށް ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ (އިންތި) މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި އިއްޔެ ނަޝީދު ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ ދެ ޕާޓީ ގުޅިގެން މަސައްކަތް ކުރުން ކަމަށެވެ.
”އަޅުގަނޑަށް ފެންނަ ގޮތުގައި މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުން.“ ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެ ޕޯސްޓާއި ގުޅިގެން އިންތި ވަނީ ނަޝީދުގެ ވިސްނުންފުޅަށް މަރުހަބާ ދަންނަވައި ޕޯސްޓެއް ކުރައްވާފަ އެވެ.
ނަޝީދުގެ ހިޔާލަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވެސް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ޑިމޮކްރެޓްސް އަކީ އެމްޑީޕީގައި އިސްކޮށް އުޅުއްވުމަށް ފަހު ވަކިވެވަޑައިގެންނެވި ބޭފުޅުންތަކެއް އުފެއްދެވި ޕާޓީއެކެވެ. އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ވެސް ނަޝީދެވެ.
ނަމަވެސް މިއަހަރުގެ ޖެނުއަރީ މަހު، ޑިމޮކްރެޓްސްގެ ބައެއް އިސްވެރިންވަނީ، އެ ޕާޓީން ވަކިވެވަޑައިގެން އެނބުރި އެމްޑީޕީއަށް ވަޑައިގެންފައެވެ.
އޭގެތެރޭގައި ޑިމޮކްރެޓްސްގެ ކުރީގެ ރައީސް ހަސަން ލަތީފާއި ދަ ޑިމޮކްރެޓްސްގެ ކުރީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު އަދި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުގެ އިލްޔާސް ލަބީބުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަ ކުރެއްވި ހުސައިން އަމްރު ހިމެނިވަޑައިގަންނަވައެވެ.



