ގ.އ ވިލިނގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މި މަހު 4 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރަމުންދިޔަ ބޯޓަކުން ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މި އޮޕަރޭޝަނުގައި، އެ ބޯޓު ވިލިނގިލީ ބަނދަރާ ގާތްކުރުމުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




