ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް ދުވަހުން ދުވަހަށް ނުރައްކާތެރިކަން އިތުރުވަމުންދާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯކުގެ ހަތަރުވަނަ ކޮންފަރެންސްގައި ވާހަކަދައްކަމުންނެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކުގެ ވާހަކަ ދައްކަވަމުން، މަޖިލީހުގެ ރައީސް ފާހަގަކުރެއްވީ މިއީ ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ނުރައްކަލެއްކަމެވެ. އަދި މިފަދަ ނާޒުކު ހާލަތެއްގައި ތިބި ގައުމުތަކަށް އިންސާފުވެރި ތިމާވެށްޓެއް ކަށަވަރުކޮށްދިނުމަށް ނަން-އެލައިންޑް މޫވްމެންޓްގެ މެންބަރު ޤައުމުތަކުން އިތުރު މަސައްކަތްތަކެއް ކުރުމަށް އެދިވަޑައިގަތެވެ.
”ބަންޑުންގ އުސޫލުތަކަށް 70 އަހަރު ފުރުން: ބަންޑުންގ އުސޫލުތައް ދެމެހެއްޓުމުގައި މަޖިލިސްތަކުގެ ދައުރު“ މި ޝިޢާރުގެ ދަށުން ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އަބްދުއްރަހީމް އިސްކަމެއް ދެއްވީ ދިވެހިރާއްޖެއިން ބަންޑުންގ އުސޫލުތައް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށެވެ.
އަދި މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤްލާލު އަދި ބައިނަލްއަޤްވާމީ އެއްބާރުލުން ހަރުދަނާކުރުމަށް އައު ޕާލިމެންޓަރީ ފިޔަވަޅުތަކެއް އެޅުމަށް ހުށަހެޅުއްވިއެވެ.
އަދި މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި، ނުފޫޒުން އެއްކިބާވެ، ސުލްހަވެރި ގޮތުގައި މައްސަލަތައް ހައްލުކުރުމާއި، ވިޔަފާރި އާއި ސަގާފަތުގައި ގުޅުން ބަދަހިކުރުމުގައި ބަންޑުންގ އުސޫލުތަކުގެ މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.


