ސަރުކާރު ސްކޫލްތަކުގައި ހުރި 3740 ކްލާސް ރޫމު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީ ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާ ގުޅިގެން މިނިސްޓަރު ޝަފީއު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މި އަހަރުގެ ތެރޭގައި މާއްދާތަކުގެ މުގައްރަރުތައް އަލުން މުރާޖާކޮށް، ކޮންމެހެން ގެންނަން ޖެހޭނެ ބަދަލުތައް ގެނެއުމާއި ދަރިވަރުންނަށް އުނގަންނައިދޭ ކޮންޓެންޓްގެ ފެންވަރު ރަނގަޅު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ.
”އެގޮތުން ސަރުކާރު ސްކޫލުތަކުގައި ހުރި 3740 ކުލާސްރޫމް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް އޭސީކޮށް ނިންމާލުމަށް ޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަނީ ނިމިފަ.“ މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެއީ ”ކޫލް ސްކޫލް“ ޕްރޮގްރާމްގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިނެތްގޮތް ދެނެގަތުމަށް، ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ ނެޝަނަލް އެސެސްމެންޓް ފޯ ލާނިން އައުޓްކަމްސް (ނާލޯ) މިއަހަރު ކީސްޓޭޖު-3 ނިންމައި ދަރިވަރުންނަށް ދޭނެ ކަމަށެވެ.
މީގެ ކުރިން، އެ އެސެސްމަންޓް ދީފައިވަނީ، ކީސްޓޭޖް-1 އަދި ކީސްޓޭޖް-2 ނިންމާ ދަރިވަރުންނަށެވެ.
މިދިޔަ ދިރާސީ އަހަރުގައި އަތޮޅުތަކުގެ 23 ސްކޫލެއްގައި އޭލެވެލްއަށް ކިޔަވައިދިނުމުގެ ޕައިލެޓް ޕްރޮގްރާމް ފެށުނުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެއާއެކު އަލަށް އޭލެވެލް ކިޔެވުމަށް ވަންނަ ދަރިވަރުންގެ އަދަދު 77 ޕަސަންޓު އިތުރުވެފައިވާ ކަމަށެވެ.
އަދި އޭގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެޑިއުކޭޝަނަލް މެނެޖްމަންޓް އިންފޮމޭޝަން ސިސްޓަމެއް ތަޢާރަފުކުރުމަށްވެސް ވަނީ ރޭވިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.




