ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅެމުން އައި 6 ބިދޭސީން އިމިގްރޭޝަނުން އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ބުނީ، އެ މީހުން އަތުލައިގަތީ އިއްޔެ މާލޭގައި ކެފޭތަކާއި ހޮޓާ އަދި ޓޭކްއަވޭ ފަދަ ހަތަރު ތަނެއް ބަލައި ފާސްކޮށް ކަމަށެވެ.
އެގޮތުން އެ ތަންތަނުގައި ސައްހަ ވިސާއެއް ނެތި މަސައްކަތް ކުރަމުން ދިޔަ ހަ މީހަކު އަތުލައި ގެންފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ އަތުލައިގެންފައެވެ. އޭގެތެރޭގައި ގިނައީ އިންޑިއާ އަދި ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ.
މިހާތަނަށް 6،000 އަށްވުރެ ގިނަ މީހުން ޑިޕޯޓްކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.



