ހުޅުމާލޭ ހިޔާގެ ބައެއް ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކޮށް ނިންމައި ޓެސްޓް ކުރަން ފަށައިފި އެވެ.
އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސާ އަހުމަދު އިބްރާހިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތްވާ ގޮތުގެ މަތިން ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރަން ކުރާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު ހިއްސާކުރައްވައިފަ އެވެ.
އެގޮތުން ލިފްޓް ހަރުކޮށް ނިމުނު ޓަވަރުތަކުގައި ބެހެއްޓި ލިފްޓްތަކުގެ ސަލާމަތީ ކަންކަން ބަލަން މިއަދު ވަނީ ޓެސްޓްތައް ފަށާފައި ކަމަށް އަހުމަދު އިބްރާހިމް ވިދާޅުވިއެވެ.
”ހިޔާ ފްލެޓްތަކުގައި ލިފްޓް މަދުވުމާ ވިދިގެން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް އެތައް އަހަރެއް ވަންދެން ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވުމަށް ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދު މިދަނީ ފުދެމުން. ވަރަށް އަވަހަށް ހިދުމަތް ދޭން ފަށާ މި ބޮޑު ލިފްޓް ވެގެންދާނީ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ އެތައް ހާސް އާއިލާއަކަށް ލިބޭނެ ބޮޑު ލުއިފަސޭހައަކަށް.“ އެމަނިކުފާނު އެޕޯސްޓުގައި ވިދާޅުވިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ހަތަރު ޓަވަރެއްގައި މިހާތަނަށް އިތުރު ލިފްޓް ހަރުކޮށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި ބާކީ ހުރި 12 ޓަވަރުގައި ވެސް ޝެޑިއުލާ އެއްގޮތަށް ލިފްޓްތައް ހަރުކޮށް ނިމޭނޭއެވެ.




