ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ހުއްޓުވުމަށް ގޮވާލައްވައި، އެކަމާ ގުޅިގެން ބައިނަލްއަޤްވާމީ ފިޔަވަޅުތައް އެޅުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިހެން ގޮވައި ލެއްވީ އުޒްބަކިސްތާނުގައި މިހާރު ކުރިއަށްދާ އައި.ޕީ.ޔޫ.ގެ 150 ވަނަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ ގާޒާގައި މިހާރު ހިނގަމުންދާ އަނިޔާވެރި ޢަމަލުތަކާއި، އެތަނުގެ ރައްޔިތުން ދިރިއުޅެމުންދާ ނުރައްކާތެރި ހާލަތާމެދު ދިވެހިރާއްޖެއިން ކަންބޮޑުވާ ކަމަށެވެ. މީގެއިތުރުން، މި އަނިޔާވެރިކަން ހުއްޓުވައި، އިންސާފު ޤާއިމްކުރުމަށްޓަކައި ބައިނަލްއަޤްވާމީ ފެންވަރުގައި އަވަސް ފިޔަވަޅުތަކެއް އެޅުމަށް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
އައި.ޕީ.ޔޫ. އެސެމްބްލީގައި ”އިޖްތިމާޢީ ތަރައްޤީއާއި އިންސާފަށް ޤާނޫނުހަދާ މަޖިލިސްތަކުގެ ދައުރު“ މި ޝިޢާރުގެ ދަށުން ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް އަލިއަޅުއްވާލެއްވީ ޤާނޫނު އެކުލަވާލުމާއި، އޭގެ ތަންފީޒު ކުރެވޭ މިންވަރު ދެނެގަތުމާއި، ސިޔާސީ ބާރުގެ ތެރެއިން ރައްޔިތުންގެ ދިރިއުޅުން ފުރިހަމަކުރުމުގައި މަޖިލިސްތަކުގެ މުހިންމު ދައުރަށެވެ.
މިގޮތުން، އިޖްތިމާޢީ އިންސާފު ކުރިއެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އެކި ޤާނޫނުތަކުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތަކާއި، ޖެންޑަރ ހަމަހަމަކަމާއި، ގެވެށި އަނިޔާ ހުއްޓުވުމާއި، އަދި އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤާނޫނުތައް ހިމެނޭކަން ފާހަގަކުރެއްވިއެވެ.
އަދި މި ޤާނޫނުތައް އެންމެ ފައިދާހުރި ގޮތުގައި ތަންފީޒު ކުރެވެމުން ދަނީ މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



