ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި މޯލްޓާއަށް މިއަދު ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޚަލީލް، މޯލްޓާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި ފޮރިން މިނިސްޓަރ އިއަން ބޯގްއާ ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދަވާނެއެވެ.
މީގެއިތުރުން، މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މިނިސްޓަރު ޚަލީލް، މޯލްޓާގެ ސަރުކާރުގެ އެހެނިހެން ވަޒީރުންނާވެސް ބައްދަލުކުރައްވައި، މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދަވާނެއެވެ.
މި މަޝްވަރާތަކުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން، ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް، ރިނިއުވަބަލް އެނަރޖީ، އަދި ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާތަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.




