ރާއްޖޭގެ ތަރައްޤީގައި ސަޢުދީ ޢަރަބިއްޔާއަކީ މުހިންމު ބައިވެރިއެއްކަމަށާއި، ސަޢުދީ ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތްކުރައްވަން ބޭނުންފުޅުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ، ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު، މަތްރެކް ބިން އަބްދުﷲ އަލް-އަޖަލިން އަލް-ދޮސަރީ އެމަނިކުފާނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު ރައީސް އޮފީހަށް ކުރެއްވި ވަދާއީ ޒިޔާރަތުގަ އެވެ.
ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، ސަފީރުގެ ދައުރުގައި ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ވަރުގަދަވެފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއާއި ސައުދީއާ ދެމެދު ގާތްގުޅުމެއް ބޭއްވުމަށް ސަފީރު ކުރެއްވި މަސައްކަތް ފާހަގަކުރައްވައިފައި ކަމަށެވެ. އަދި ރާއްޖެއާއި ސައުދީއާ ދެމެދު އަބަދުވެސް ގާތް ގުޅުމެއް ބާއްވަން ދިވެހި ސަރުކާރުން ބޭނުންވާ ކަމަށް ރައީސް ދެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިރާއްޖެއިން ސަޢުދީ ޢަރަބިއްޔާއާއެކު ޚާރިޖީގުޅުން ޤާއިމުކޮށްފައިވަނީ 17 މާރިޗު 1981 ގައެވެ. މިއަހަރަކީ މި ގުޅުމަށް 44 އަހަރު ފުރޭ އަހަރެވެ.



