ވިއްސާރަވެ، ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ލ.ފޮނަދޫ ގައި ފެންބޮޑުވެ، ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށައިފި އެވެ.
އެމްއެންޑީއެފުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ބޯކޮށް ވާރޭވެހި، މެދުރާއްޖެތެރޭގެ ބައެއް ރަށްތަކުގައި ފެންބޮޑުވަމުންދާތީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ވަނީ ހަރަކާތްތެރިވާންފަށައިފައި ކަމަށެވެ.
އެގޮތުން އެ ކޮމާންްޑްގެ ސިފައިން ދަނީ ލ.ފޮނަދޫގައި ފެންބޮޑުވެގެން ފެން ހިންދުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެދާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) މިއަދު ވަނީ ލަފާކޮށްފައެވެ.
އެ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް އެއިދާރާއިން ހާމަކޮށްފައިވެއެވެ.
އަދި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކުރެވެނީ 2 ފޫޓާއި 4 ފޫޓާއި ދެމެދުގައި ކަމަށް ވެސް ބުނެފައިވެއެވެ.



