ޗައިނާގެ ޔުނާން ޕްރޮވިންސްގެ ކުންމިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ 9 ވަނަ ޗައިނާ ސައުތު-އޭޝިއާ އެކްސްޕޮޒިޝަންގައި ބައިވެރިވުމުގެ ފުރުސަތު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
މި އެކްސްޕޯގައި ދިވެހި އުފެއްދުންތައް ދެއްކުމާއި، އުފެއްދުންތައް ގަތުމުގެ ފުރުސަތު ދިވެހި ވިޔަފާރިތަކަށް ލިބިގެންދާނެއެވެ.
މިއެކްސްޕޯއާއި ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސީނިއާ ޕޮލިސީ އޮފިސަރ މުސްތަފާ ޢަބްދުލްޤަފޫރު ވިދާޅުވީ، ސީއެސްއޭ އެކްސްޕޯ އަކީ ޗައިނާގެ އިތުރުން ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ވިޔަފާރިތަކާއި އަދި އާންމު ފަރާތްތަކުންވެސް ޒިޔާރަތްކުރާ އެކްސްޕޯއެއްކަމަށެވެ.
އަދި މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ތަފާތު އެކިއެކި ހަރަކާތްތައް ބޭއްވޭނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
”ވަަރަށް ބޮޑު މާކެޓެއްގެ ވާހަކަ މި ދައްކަނީ. ޗައިނާގައި ބާއްވާ މި އެކްސްޕޯއަކީ ހަމައެކަނި ޗައިނާގެ ބޭފުޅުންނެއް ނޫން މީގަ މިދަނީ. މިތަނަށް އެބައާދޭ ސައުތު-އޭޝިއާގެ ހުރިހާ ޤައުމެއްވެސް މި އެކްސްޕޯގައި ބައިވެރިވަމުންދޭ. އެހެންވީމަ މިއަންނަ ހުރިހާ އެގްޒިބިޓާސްއާއި ޕްރޮފެޝަނަަލް ބަޔަރސްއާއި ގުޅުވައިދޭ އެކިއެކި ފޯރަމްތައް މި އެކްސްޕޯގެ ތެރޭގައި ކުރިއަށްދާނެ. މީގެ ސަބަބުން ރަނގަޅު މާކެޓަަކަށް އެއްޗެތި ވިއްކާ އޯޑަރތަކެއް ޕްލޭސްކުރުމުގެ ފުރުސަތު ލިބިގެންދާނެ.“ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސީނިއާ ޕޮލިސީ އޮފިސަރ މުސްތަފާ ޢަބްދުލްޤަފޫރު ވިދާޅުވިއެވެ.
މީގެއިތުރުން ވިޔަފާރިވެރިންގެ އުފެއްދުންތައް ޗައިނާއަށް ގެންދިއުމުގައި ވުޒާރާގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް މުސްތަފާ ވިދާޅުވިއެވެ. އެގޮތުން ވުޒާރާއަށް އެޕްލިކޭޝަން އަންނަ ހިސާބުން ފެށިގެން އެބޭފުޅުންގެ މަޢުލޫމާތުތައް ޗައިނާގެ މިއެކްސްޕޯ އިންތިޒާމްކުރާ ފަރާތަށް ފޮނުވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެކޮޅުން ހަމަޖައްސަންޖެހޭ އިންތިޒާމްތައްވެސް ހަމަޖައްސައިދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.
މި އެކްސްޕޯގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު 14 އެޕްރީލް 2025 ގެ ކުރިން international@trade.gov.mv އީމެއިލްކުރެވޭނެކަމަަށް މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ ދިވެހިރާއްޖެއަށް ބޫތު ލިބޭ މިންވަރަށްބަލައި، މި އެކްސްޕޯގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ހަމަޖައްސަވައިދެއްވާނެކަމަށެވެ.




