ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް މިފަހަރުވެސް ދިރާގުން ސޮއިކޮށްފި އެވެ.
ދިރާގުން ވަނީ 2023 އިން ފެށިގެން 2024 އަށް ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ، ރާއްޖޭގައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތްތައް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ޕާޓްނަރޝިޕްގެ ދަށުން ރާއްޖޭގައި ސްކޭޓިންގ ކުރިއެރުވުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތްކުރާނެއެވެ.
ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ޒުވާނުންނަށް ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ދިރާގުން އިސްކަންދޭ ކަމެކެވެ. އަދި ދިވެހި ސްކޭޓަރުން ރާއްޖެއާއި ބައިނަލްއަގުވާމީ މައިދާނުގައި ފާހަގަކޮށްލެވުމަކީ އެފަރާތުގެ އުންމީދެކެވެ.
”ޒުވާނުން ޝައުގުވެރިވާ ދާއިރާތަކުން ކުރިއަށް ދިއުމުގެ މަގުތައް ހުޅުވައިދީ، ތަރައްގީގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް. އަޅުގަނޑުމެންގެ އުންމީދަކީ ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ މައިދާންތަކުން ވެސް ދިވެހި ސްކޭޓަރުންގެ ހުނަރުތައް ފެނިގެން ދިއުން.“ މިރްޝާން ވިދާޅުވި އެވެ.
ސްކޭޓް މޯލްޑިވްސްއަކީ ރާއްޖޭގެ ގައުމީ ސްކޭޓިންގ އެސޯސިއޭޝަން އެވެ. މި އެސޯސިއޭޝަނުން ވަނީ 2023 ގައި ވޯލްޑް ސްކޭޓްގެ ޕްރޮވިޝަނަލް އެފިލިއޭޓް މެމްބަރޝިޕް ހޯދުމަށްފަހު، 2024 ގައި ވޯލްޑް ސްކޭޓްގެ މެމްބަރުކަން ހާސިލުކޮށްފަ އެވެ.
މިހާރު ރާއްޖޭގައި ހިންގާ ހުރިހާ ސްކޭޓިންގ ހަރަކާތްތަކެއް ހިންގަނީ މި އެސޯސިއޭޝަންގެ ބެލުމުގެ ދަށުންނެވެ.



