މަސްތުވާތަކެއްޗަށް ދެވިހިފައިފާވާ މީހުންނަށްދޭ ފަރުވާ (ކޮމިޔުނިޓީ ރީ-އިންޓަގްރޭޝަން) ގެ ހިދުމަތް 100 އަށްވުރެ ގިނަ ރަށްރަށުގައި ފަށައިފިއެވެ.
ކޮމިޔުނިޓީ ރީ-އިންޓަގްރޭޝަން ފަރުވާއަކީ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަމިއްލަ ގޭގައި ތިބެގެން ފަރުވާ ހޯދުމަށް ދެވޭ ޑިޓޮކްސިފިކޭޝަން ފަރުވާއެކެވެ. މިއީ ހަށިގަނޑުން މަސްތުވާތަކެތީގެ ވިހަ ދުއްވާލުމަށް ބޭސް ދީގެން ކުރެވޭ ފަރުވާއެކެވެ.
ނެޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވީ ކޮމިޔުނިޓީ ރީ-އިންޓަގްރޭޝަން ފަރުވާގެ ޚިދުމަތް ރަށްރަށުގައި ފަށާފައިވަނީ ކައުންސިލްތަކާއި ޞިއްހީ މަރުކަޒުތަކާ ގުޅިގެން ކަމަށެވެ.
އަދި މި ޚިދުމަތް މާލެ ސަރަހައްދުގައި ޤާއިމުކޮށްފައިވާ 4 ތަނަކުން ލިބޭނެކަމަށާއި، އަދި ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރުންވެސް އެ ޚިދުމަތް ލިބޭނެކަމަށް އެންޑީއޭއިން ވިދާޅުވިއެވެ.
އެންޑީއޭއިން ވިދާޅުވީ މިހާރު 100 އަށްވުރެ ގިނަ ރަށްރަށުގައި ކޮމިޔުނިޓީ އިންޓަގްރޭޝަން ފަރުވާ ފަށާފައިވާ ކަމަށެވެ. އަދި އަތޮޅުތެރޭގެ އެކި ރަށްރަށުގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުތަކުންވެސް މި ފަރުވާ ލިބޭނެކަން އެ އިދާރާއިން ފާހަގަކުރައްވައެވެ.
ދިގު ކިއުގައި ތިބެން ނުޖެހި ފަރުވާ ލިބޭނެގޮތް ހެދުމަށްޓަކައި، އައުޓް ޕޭޝަންޓް ޓްރީޓްމެންޓް ނިޒާމެއް މިއަހަރު ތެރޭގައި އަލަށް ވަނީ ޤާއިމްކޮށްފައެވެ. މީގެ ސަބަބުން ގިނަ ބަޔަކަށް އެއްފަހަރާ ޑިޓޮކްސިފިކޭޝަން ފަރުވާ ދެވޭނެއެވެ.
ރާއްޖޭގައި މިހާރު ހުރީ މަސްތުވާތަކެތިން އަރައިގަތުމަށް ފަރުވާދޭ 6 ސެންޓަރެވެ.
ފަރުވާއަށް ބޭނުންވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، ހިންމަފުށީ ސެންޓަރަށް 1000 ޖާގަ އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.


