ހިޔާ ފްލެޓުތަކުގައި އިތުރަށް ހަރުކުރަމުންދާ ލިފްޓުތަކުގެ މަސައްކަތް މިއަހަރުގެ ނުވެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ހިޔާ ފްލެޓުގެ ޓަވަރު 1، 2 އަދި 3 ގައި އިތުރު ލިފްޓު ހަރުކޮށް ނިމި، މިހާރު ޓެސްޓުކުރަމުންދާ ކަމަށާއި، ފުރަތަމަ ދެ ޓަވަރުގެ ލިފްޓުތައް އަންނަ މަހުގެ 12 ވަނަ ދުވަހުން ފެށިގެން ބޭނުންކުރެވޭނެ ކަމަށް އެޗްޑީސީން މަޢުލޫމާތު ދީފައިވެއެވެ.
އަދި ޓަވަރު 3 އަދި 4 ގެ ލިފްޓުތައް އަންނަ މަސް ނިމުމުގެ ކުރިން ބޭނުންކުރެވޭނެ ކަމަށްވެސް އެޗްޑީސީންބުންޏެވެ.
މި މަޝްރޫޢުގެ ދަށުން ހިޔާގެ ކޮންމެ ޓަވަރެއްގައި ޕެސެންޖަރުންނަށް ޚާއްސަ ލިފްޓަކާއި ސްޓްރެޗަރ ލިފްޓެއް ހަރުކުރެވޭނެއެވެ. ޖުމުލަ 16 ޓަވަރުގައި 32 ލިފްޓު ހަރުކުރެވޭނެ މި މަޝްރޫޢުގެ އަގަކީ 18 މިލިއަން ޑޮލަރު (278.3 މިލިއަން ރުފިޔާ) އެވެ.
މި ލިފްޓުތަކަކީ މިނެޓަކު ދެ މީޓަރުގެ ސްޕީޑުގައި ދަތުރުކުރެވޭ، އަދި ލޮލަށް ނުފެންނަ ފަރާތްތަކަށް ވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ނަންބަރުތައް އެންގްރޭވްކޮށްފައިވާ ޚާއްސަ ލިފްޓުތަކެކެވެ. މަޝްރޫޢުގެ 58 އިންސައްތަ މިހާރު ވަނީ ނިމި، 75 އިންސައްތަ ތަކެތި ރާއްޖެ ގެނެވިފައެވެ.
ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫޢު ނޮވެންބަރު މަހުގެ ތެރޭގައި ނިމި، ހުރިހާ ލިފްޓެއް ބޭނުންކުރަން ފެށޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.
މިއީ ހުކުރު ވަގުތާއި ސްކޫލް ގަޑިތަކުގައި ލިފްޓުތަކަށް ކުރިމަތިވާ ބާރު ބޮޑުވުމުގެ މައްސަލައަށް ލިބޭނެ ބޮޑު ހައްލެއް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.


