ރާއްޖެފަދަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކުން އަރައިގަތުމަށް، ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީތަކުގެ ސަބަބުން ކުރިމަގު ފެންނާނޭކަމުގެ ޔަޤީންކަން އެބައޮތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް، ނުވަތަ ސިޑްސްގެ މަސައްކަތްތައް ވިލަރެސްކުރުމަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ގްރޫޕް (އެސްއޭޖީ)ގެ ބައްދަލުވުމެއްގައި ކޯ-ޗެއާގެ ހައިސިއްޔަތުން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވި ގޮތުގައި ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް (ޑީއެސްއެސްއެސް) ފަދަ ފެސިލިޓީއެއްގެ މަސައްކަތް ފެށުމުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ޙައްލު ލިބި، އައު ތަރައްޤީގެ ދޮރެއް ހުޅުވިގެންދާނެއެވެ.
ސިޑްސްގެ ގިނަ ޤައުމުތަކަކީ މާލީ ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުރިމަތިވެފައިވާ ޤައުމުތަކެއް ކަމަށްވާތީ، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ މުހިންމު ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ”ޑެޓްރިލީފް-ފޯ-ރެޒިލިއަންސް-ބިލްޑިން މެކޭނިޒަމް“ އެއް ހުށަހަޅުއްވާފައިވަނީ ދަރަނި ލުއިކޮށްދީގެން ވިލުންވެރިކަމަށް އިންވެސްޓްކުރާ ޤައުމުތަކަށް އިސްކަންދިނުމަށް ކަމަށެވެ.
އަދި މި މެކޭނިޒަމްގެ ސަބަބުން، ކޮންމެ ޤައުމެއްގެ ނާޒުކު ހާލަތު ވަޒަންކޮށް، އެއާ އެއްގޮތަށް މަޝްރޫޢުތައް ހިންގައި، މާލީ ފުދުންތެރިކަން ޤާއިމްކުރެވޭނެ ކަމަށެވެ.
ކުރިއަށް އޮތް އެފް.އެފް.ޑީ.4 އަކީ ޑީއެސްއެސްއެސް ދުނިޔޭގެ ފެންވަރުގައި ބަލައިގަތުމަށް ރަނގަޅު ފުރުޞަތެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
އަދި ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި ބެލެހެއްޓުމަކީ ހަމައެކަނި ތަފާސް ހިސާބުތަކުގެ ކަމެއް ނޫންކަމަށާއި، އެއީ ފުރާނައާއި، ދިރިއުޅުމާއި، މުސްތަޤްބަލު ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.




