އެއަރ އެމްބިއުލެންސްގެ ޚިދުމަތަށް ބޭނުންވާ ފަންނީ މީހުން ތަމްރީނުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ބަލިވެއްޖެ ހާލަތެއްގައި ވަގުތުން ބޭސްފަރުވާގެ ނިޒާމު ހަމަޖެހިފައި އޮތުމަކީ ކޮންމެ ގައުމެއްގައިވެސް ނުހަނު އިސްކަންދޭ ކަމެއް ކަމަށާއި، އަދި މި ދާއިރާއަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ފަންނީ މީހުން ނެތުން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއަރ އެމްބިއުލެންސްގެ ދާއިރާއަށް ބޭނުންވާ ފަންނީ މީހުން އުފެއްދުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާ ގުޅިގެން މަސައްކަތްތަކެއް ފެށުމަށް ވަނީ ނިންމާފައެވެ. މިގޮތުން މި އަހަރު ނިމުމުގެ ކުރިން މި ދާއިރާއާ ގުޅޭ ކޯސްތައް ފެށޭނެއެވެ.
2024 ވަނަ އަހަރުގެ މާރިޗު 6 އިން ފެށިގެން 2025 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް އެއަރ އެމްބިއުލެންސުން 899 ދަތުރު ކޮށްފައިވާއިރު، މި ދަތުރުތަކުގައި ޖުމުލަ 1،072 ބަލިމީހުން ވަނީ އުފުލާފައެވެ.
މި ޚިދުމަތުގެ ސަބަބުން ގިނަ އާއިލާތަކަށާއި ދިވެހިންނަށް ހިތްހަމަޖެހުމާއި އުފާވެރިކަން ލިބިފައިވާކަން ފާހަގަކުރައްވާފައިވާއިރު، މި ޚިދުމަތް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.




