ނިމިދިޔަ ރަމަޟާން މަހު އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކައިގެން އުމްރާ ދަތުރު ލިބޭ ތިން ނަސީބުވެރިންނާއި ދަތުރު ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފިއެވެ.
އެމްޑަބްލިއުއެސްސީ އަށް 30 އަހަރު ފުރުމާއި އަދި ރަމަޟާން މަހާއި ގުޅުވައިގެން ”އެކުވެރި ރޯދަ 30“ ގެ ނަމުގައި އެމްޑަބްލިއުއެސްސީ އެޕް މެދުވެރިކޮށް ބިލް ދައްކާ ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ހާއްސަ މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރީ މިއަދު އެމް.ޑަބްލިޔު.އެސް.ސީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.
މި 3 ފަރާތަށް ޢުމްރާ ދަތުރު ލިބުނުކަމުގެ ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެމް.ޑަބްލިޔު.އެސް.ސީގެ ޗެއަރ ޕާރސަން ޝަމްހޫޒާ އަޙްމަދާއި، ބޯޑްގެ މެމްބަރުންނެވެ.
މިރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް މަތީން މުޙައްމަދާއި ސީނިއަރ މެނޭޖުމަންޓް ޓީމް އަދި މުވައްޒަފުން ބައިވެރިވެއެވެ.
އުމްރާ ދަތުރު ލިބުނު ތިން ފަރާތަކީ:
- ޝަމްރޫޒް އިބްރާހިމް، ދަފްތަރު ނަމްބަރު 172/ މާލެ
- މުހައްމަދު ޝަރާހް، އުދަރެސް/ ތ. ތިމަރަފުށި
- އަލީ ނާޒިމް، ގ. ރަންދެލިގެ/ ކ. މާލެ
މި ތިން ފަރާތްވެސް އެއް އަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުންކުރަން ވާނެ ކަމަށާއި އަދި އުމްރާ ދަތުރު ލިބުނު ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭ ނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ދެވިގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، މިއީ ހައްޖު ކޯޕަރޭޝަނާއި ގުޅިގެން އެކުންފުނީގެ ފަރާތުން ގެންދިޔަ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ކަމަށެވެ. ހައްޖު ކޯޕަރޭޝަންގެ ދަތުރުތައް ރޭވިފައިވާ ގޮތަށް މި ނަސީބުވެރިންގެ ދަތުރު ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
އެ ކުންފުނިން މީގެ ކުރިން ވިދާޅުވެފައިވާގޮތުގައި މި ޕްރޮމޯޝަންގެ މަގްސަދަކީ ރަމަޟާން މަހާ ގުޅުވައިގެން އެމްޑަބްލިއުއެސްސީގެ ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ތަނަވަސް ކޮށްދިނުމާއެކު، ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިއުއެސްސީގެ އެޕަށް އަހުލުވެރިކޮށް، އެޕް ބޭނުން ކުރާ ކަސްޓަމަރުންގެ އަދަދު އިތުރު ކުރުމެވެ.
މި ޕްރޮމޯޝަން ފެށީ މާރިޗް މަހުގެ އެއް ވަނަ ދުވަހެވެ.



