”އަހާ“ ގެ 5 ވަނަ ފޯރަމް މި މަހުގެ 24 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މިނިސްޓަރުންނާ ސުވާލު ކުރެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ފޯރަމް އޮންނާނީ 24 ވާ ބުރާސްފަތި ދުވަހުގެ ރޭ 9:00 ޕީއެސްއެމްގެ ޓީވީ ބިލްޑިންގުގަ އެވެ.
މި ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާނީ 5 ވަޒީރުންނެވެ. އެއީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން، ބަންޑާރަ ނައިބު އަޙްމަދު އުޝާމް، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަދި ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ.
ދެ ގަޑިއިރުގެ މި ފޯރަމްގައި ސުވާލު ކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. ފޯރަމަށް ސުވާލު ފޮނުވޭނީ ސީދާ ހާޒިރުވެގެންނާއި، ފޯނުން، އެސްއެމްއެސް، ސޯޝަލް މީޑިއާ އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށެވެ.
އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނަމަ، AH ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކޮށް ސުވާލު ލިޔެ 300 އަށް ފޮނުވަން ޖެހޭނެއެވެ.
މި ފޯރަމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ”އަހާ“ ސިލްސިލާގެ ދަށުން ބާއްވާ ފޯރަމެކެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާ ޚާއްޞަ ފޯރަމްތަކާއި ”ރައްޔިތުންނާއެކު“ ނަމުގައި ޕޮޑްކާސްޓް ސިލްސިލާއެއްވެސް ސަރުކާރުން ކުރިއަށް ގެންދެއެވެ.



