އައްޑޫ ސިޓީގެ ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުން އަވަސްކުރުމަށް މަޝްވަރާކޮށްފި އެވެ.
ކޮވިޑް-19ގެ ސަބަބުން އައި އިގްތިސާދީ ހީނަރުކަމާ ގުޅިގެން 2020 ވަނަ އަހަރު ބަންދުކުރި ޝަންގްރިއްލާ ރިސޯޓް، ގާތްގަނޑަކަށް ފަސް އަހަރު ވަންދެން އޮތީ ބަންދުކޮށްފައެވެ.
ރިސޯޓް އަލުން ހުޅުވުމުގެ މަސައްކަތް އަވަސްކުރުމަށްޓަކައި، ޝަންގްރިއްލާގެ ސީނިއަރ މެނޭޖްމަންޓާއެކު ސަރުކާރުގެ އިސް ވަފުދެއް ބައްދަލުކޮށް، ސަރުކާރުން އެހީތެރިވެދެވިދާނެ ކަންކަމާ މެދު ވަނީ މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު، ފިނޭންސް މިނިސްޓަރު އަދި އެޓަރނީ ޖެނެރަލް ބައިވެރިވެވަޑައިގެންނެވިއެވެ.
ޝަންގްރިއްލާ ރިސޯޓް ހިންގާ ’އައްޑޫ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑް’ގައި އޮންނަ ސަރުކާރުގެ %30 ހިއްސާ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ވަނީ ދޫކޮށްލައިފަ އެވެ.
އެކަމަކު އޭގެ ފަހުން ވެސް ރިސޯޓް ހުޅުވިފައެއް ނުވެ އެވެ.




