މާދަމާއިން ފެށިގެން ހަފުތާ ބަންދު ދުވަސްތަކާއި ސަރުކާރު ބަންދު ދުވަސްތަކުގައި ދ. އަތޮޅުގެ ރައްޔިތުންނަށް ކުއްޔަކާ ނުލައި ދ. އުއްދޫއަށް ޕިކްނިކް ދެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
މިކަން މިއަދު އިޢުލާން ކުރެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފު ޢުމަރެވެ.
މިނިސްޓަރ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، ޕިކްނިކް ދަތުރުތަކާ ގުޅޭ މުޢާމަލާތްތައް ކުރުމަށް މިހާރު ވަނީ ދެ ނަންބަރެއް ކަނޑައަޅާފައެވެ. އެގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް 9108899 އަދި 7777848 ނަންބަރަށް ގުޅުމަށް ވަނީ އަންގަވާފައެވެ.
ދ. އުއްދޫއަކީ ނިލަންދެއަތޮޅު ދެކުނުބުރީގެ ރައްޔިތުން ދަތުރުކުރާ ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައި، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާ ޙަވާލުކުރައްވާފައިވާ ރަށެކެވެ.
އެ ރަށް ބެލެހެއްޓުމަށް މިނިސްޓްރީގެ ޓީމެއް ވަނީ ދުވަސްކޮޅެއް ވަންދެން މަސައްކަތް ކުރަމުން ގޮސްފައެވެ.
އަދި ދަތުރުވެރިންނަށް އިތުރު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޓަކައި އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.




