ސެންޓްރަލް ރީޖަންގެ ތިން ރަށެއްގައި ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހާމަކޮށްފިއެވެ
އާރްޑީސީން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، ނ. ހޮޅުދޫގައި މިހާރު ކުރެވެމުންދަނީ މުޙައްމަދު ރާޝިދު ހިނގުމުގައި ކާބްސްޓޯން ޖެހުމާއި، ޗާންދަނީ މަގުގައި ބެކް ފިލިންގެ މަސައްކަތެވެ.
އަދި ޅ. ހިންނަވަރުގައި މިހާރު ކުރެވެމުންދަނީ ރޯޑް 01 ގައި ސޯކް ޕިޓް ރަނގަޅުކުރުމާއި، ރޯޑް 09 ގައި ދުވާރުގެ މަސައްކަތް ކަމަށް އާރްޑީސީން ބުނެފައިވެއެވެ.
އާރްޑީސީން ބުނިގޮތުގައި އދ. މާމިގިލީގައި ކުރިއަށްދަނީ ރަށްދެބައި މަގުގައި ދުވާރުގެ މަސައްކަތް އަދި އަމީނީ މަގުގައި ކޭބަލް ޖަންކްޝަން ކާސްޓް ކުރުމުގެ މަސައްކަތެވެ.
އާރްޑީސީން ދަނީ މެދުރާއްޖެތެރޭގެ ހަތް ރަށެއްގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ނ. ހޮޅުދޫ އާއި، ނ. ވެލިދޫ އާއި، ޅ. ހިންނަވަރާއި، މ. މުލަކާއި، އއ. ތޮއްޑޫ އާއި އދ. މާމިގިލީގެ އިތުރުން ދ. ކުޑަހުވަދޫއެވެ.
މި މަޝްރޫޢުގެ ދަށުން ސެންޓްރަލް ރީޖަންގެ އެކި ރަށްރަށުގައި މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ބާރު ސްޕީޑުގައި ކުރިއަށެވެ.


