ނުގަވާއިދުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ގިނަ އަދަދެއްގެ ބަނގުރާ ކަސްޓަމްސްއިން ނައްތާލައިފިއެވެ.
މި ތަކެތި ނައްތާލާފައިވަނީ ނ. މާފަރުގައި ކަމަށް ކަސްޓަމްސްއިން މަޢުލޫމާތު ދީފައިވެއެވެ.
ކަސްޓަމްސްއިން އެކްސްގައި މިއަދު އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، 2025 އެޕްރީލް 10 ވަނަ ދުވަހު ނައްތާލި ތަކެތީގެ ތެރޭގައި 24 ފުޅި ބިޔަރާއި 15 ދަޅު ބިޔަރު ހިމެނެއެވެ. މީގެއިތުރުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ 151 ފުޅި ބަނގުރާ ނައްތާލާފައެވެ.
ރާއްޖޭގައި ބަނގުރަލަކީ މަނާ އެއްޗެއް ކަމަށްވެފައި، ޓޫރިސްޓް ރިސޯޓުތައް ފިޔަވައި އެހެން ތަންތަނަށް ބަނގުރާ އެތެރެކުރުމަކީ މަނާ ކަމެކެވެ. އެހެންނަމަވެސް، ބައެއް ފަރާތްތަކުން އެކި ގޮތްގޮތުން ނުގަވާއިދުން ބަނގުރާ އެތެރެކުރަން މަސައްކަތްކުރާކަން ކަސްޓަމްސްއިން ފާހަގަކުރެއެވެ.
ކަސްޓަމްސްއިން ބުނާގޮތުގައި މިފަދަ މަނާ ތަކެތި ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.
އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ޚާއްޞަ ސަމާލުކަމެއް ދެމުންނެވެ.



