ބޭރު ޤައުމުތަކުގެ ޑްރައިވިންގ ލައިސަންސް އޮންނަ ބިދޭސީންނަށް ދިވެހިރާއްޖޭގައި ވެހިކަލް ދުއްވުމުގެ ހުއްދަ ދިނުމުގައި އައު އުސޫލެއް ތަޢާރަފުކޮށް، ޑްރައިވިންގ އިމްތިޙާނެއް ހެދުން ލާޒިމުކޮށްފިއެވެ.
ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން ވިދާޅުވި ގޮތުގައި، މީގެ ކުރިން ބިދޭސީންގެ ލައިސަންސްތަކަށް ހުއްދަ ދެމުން ގެންދިޔައީ ލުއި އުސޫލަކުން ކަމަށާއި، އޭގެ ސަބަބުން ބައެއް ފަހަރު އެމީހުންގެ އަމިއްލަ ޤައުމުގެ ލައިސަންސްގެ މުއްދަތަށްވުރެ ދިގު މުއްދަތަކަށް ދިވެހިރާއްޖޭގައި ދުއްވުމުގެ ހުއްދަ ދެވިފައިވާކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، އައު އުސޫލުގެ ދަށުން، ބިދޭސީންނަށް ދިވެހިރާއްޖޭގައި ދުއްވުމުގެ ހުއްދަ ދޫކުރެވޭނީ އެމީހުންގެ އަމިއްލަ ޤައުމުގެ ލައިސަންސްގެ މުއްދަތާ އެއްވަރަށެވެ.
އަދި މި ހުއްދަ ލިބޭނީ ދިވެހިންނެކޭ އެއްފަދައިން ޑްރައިވިންގ އެސެސްމަންޓެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”މިގޮތަށް ހަމަޖެއްސުމުގެ މައިގަނޑު ސަބަބަކީ މާލޭގެ މަގުތަކަކީ ހަނި ގޯޅިތަކަކަށްވެފައި، ބޭރު ޤައުމުތަކާ އަޅާބަލާއިރު މާލޭގައި ދުއްވުމަށް ޚާއްޞަ ހުނަރުތަކެއް ބޭނުންވާތީ.“ މިނިސްޓަރު ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން ވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ޤަބޫލުކުރާ 20 އަށްވުރެ ގިނަ ޤައުމުތަކުން ދޫކޮށްފައިވާ ޞައްޙަ ލައިސަންސް އޮތް ފަރާތްތަކަށް އިމްތިޙާނަކާ ނުލައި ދާއިމީ ލައިސަންސް ދޫކޮށްފައެވެ.
މި ލިސްޓުގައި އަވައްޓެރި ބައެއް ޤައުމުތައްވެސް ހިމެނެއެވެ.



