އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ހިޔާ އަދި ވިނަރެސް ފުލެޓުތަކުން ކަރަންޓު ކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް ޓަކައި ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން ހިޔާ ޓަވަރު 1 އިން 8 އާ ދެމެދުގެ ފުލެޓުތަކާއި، ކާމިލް ދީދީ ސްކޫލުން މިއަދު ހެނދުނު 10:00 އިން 11:00 އަށް ކަރަންޓު މެދުކަނޑާލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ވިނަރެސް 1 އިން 10 އާ ދެމެދުގެ ފުލެޓުތަކާއި، އެމްޕީއެލް ޓަވަރުތަކާއި ޞަލާޙުއްދީން ސްކޫލުން މިއަދު މެންދުރު 1:00 އިން 2:00 އަށް ކަރަންޓު ކެނޑޭނެ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ނަމަވެސް މަސައްކަތް ނިމުމުން ވަގުތުން ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނީ މިއީ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް މަޢާފަށް އެދޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.




