ތުރުކީގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ އެމްބަސީއެއް ރަސްމީކޮށް ހުޅުވައިފިއެވެ.
އެމްބަސީ ހުޅުވައިދެއްވީ އިއްޔެ ތުރުކީގައި ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާއި، ތުރުކީގެ ކަލްޗަރ އެންޑް ޓޫރިޒަމް މިނިސްޓަރު މެހްމެތް ނޫރީ އެރްސޮއި އަދި ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަބްދުއްރަހީމް އަބްދުއްލަތީފެވެ.
އެމްބަސީ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ދިދަ ވެސް ނަގާފައިވެ އެވެ.
މިކަމާއި ގުޅިގެން މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށެވެ. އަދި މި އެމްބަސީގެ ސަބަބުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ތަންފީޒުކުރުމަށާއި ތުރުކީގައި އުޅޭ ދިވެހިންނަށް ކޮންސިއުލަރ ޚިދުމަތް ފޯރުކޮށްދިނުމަށް އެހީތެރިވެދޭނެއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަލީލު ވިދާޅުވެފައިވަނީ މި އެމްބަސީގެ ސަބަބުން ދެ ގައުމުގެ އިޤްތިޞާދީ ގުޅުމާއި، ދިވެހި ސަގާފަތް ކުރިއެރުވުމަށާއި، ދެ ގައުމުގެ ރައްޔިތުންގެ ދެމެދުގައި އެކުވެރިކަން އާލާކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ނިންމާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައެވެ.



