އިޒްރޭލުގެ ޕާސްޕޯޓުގައި އެއްވެސް މީހަކަށް ރާއްޖެއަށް އެތެރެ ނުވެވޭގޮތަށް އިމިގްރޭޝަންގެ ގާނޫނު އިސްލާހު ކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
މި އިސްލާހު ފާސްކުރުމަށް 83 މެންބަރުން ވަނީ ވޯޓު ދީފައެވެ.
މި އިސްލާހު ހުށަހެޅުއްވީ މިދިޔަ އަހަރުގެ މޭ މަހު ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.
އެ ބިލުގައި ހުށަހެޅި އިރު އޭނާ ހުށަހެޅީ އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެންމެހާ ފަރާތްތަކަށް ރާއްޖެ އެތެރެވުން މަނާކުރުމަށެވެ. އޭގެ ތެރޭގައި ޑުއަލް ޕާސްޕޯޓް ގެންގުޅޭމީހުންވެސް ހިމެނޭ ގޮތަށެވެ.
ނަމަވެސް އިމިގްރޭޝަނުން ވަނީ، ޑުއަލް ޕާސްޕޯޓް ގެންގުޅޭ ފަރާތްތައް ވަކިކުރާނެ ގޮތެއް ނޯންނަކަން ފާހަގަކޮށް، ހަމައެކަނި ރާއްޖެ އައުމަށް އިސްރާއީލުގެ ޕާސްޕޯޓު ހުށަހަޅާ ފަރާތްތަކަށް އެތެރެވުން މަނާކުރުމަށް ހުށަހަޅާފައެވެ.
މި އިސްލާހު ހުށަހެޅުމުގެ މައިގަނޑު ސަބަބަކީ ފަލަސްތީނުގެ ރައްޔިތުންނަށް އިސްރާއީލުން ދެމުންގެންދާ ލާއިންސާނީ އަނިޔާތަކެވެ. ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނާގޮތުގައި މިހާތަނަށް 50،944 މީހުން ޝަހީދުވެ، 116،156 މީހުން ޒަޚަމްވެފައިވެއެވެ.
އަދި ސަރުކާރުގެ މީޑިއާ އޮފީހުން ބުނާގޮތުގައި ޝަހީދުންގެ އަދަދު 61،700 އަށްވުރެ މަތިވެފައިވާއިރު، ކުނިތަކުގެ ދަށުގައި އިތުރު އެތައް ހާސް ބަޔަކު ޝަހީދުވެފައިވާ ކަމަށް ބެލެވެއެވެ.



