ނ. ވެލިދޫ ޞިއްޙީ މަރުކަޒުގައި ޑަޔަލިސިސް ގެ ޚިދުމަތް މިއަދު ފަށައިފި އެވެ.
ވެލިދޫ ޞިއްޙީ މަރުކަޒުން މަޢުލޫމާތު ދިން ގޮތުގައި، ހިދުމަތް ފެށުމާ އެކު އެ ރަށު ވެލިދޫ ޞިއްޙީ މަރުކަޒުން މިއަދު މީހަކަށް ފަރުވާ ދީފައިވެ އެވެ.
ވެލިދޫގައި ޑަޔަލިސިސްގެ ޚިދުމަތް ފެށުމާ އެކު މާލެ ފިޔަވައި 15 ރަށެއްގައި މިހާރު އެ ހިދުމަތް ލިބޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެއް ކަމުގައިވާ، މި ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން އަނެއް ފިޔަވަހި އެވެ.
ހެލްތް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި އަހަރުގެ ތެރޭގައި އިތުރު 9 ރަށެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުމަށް ވަނީ ރޭވިފަ އެވެ.
އޭގެ ތެރެއިން ދެން އެންމެ ކުރިން ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ތ. އަތޮޅުގަ އެވެ. މިހާރުވެސް ނ. މަނަދޫގައި ޑައިލިސިސްގެ ޚިދުމަތް ދެމުން ގެންދެ އެވެ. އަދި އެންމެ ފަހުން މި ޚިދުމަތް ޤާއިމުކުރެވުނީ ހއ. އިހަވަންދޫގަ އެވެ.
ސަރުކާރުން މި ވަގުތު އަންނަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މި މުހިންމު ޚިދުމަތް ފޯރުކޮށްދިނުމަށް ދުވަހުން ދުވަހަށް މަސައްކަތްތަކެއް ކުރަމުންނެވެ.



