އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ، 2025 އޭޕްރިލް މަހުގެ 15 ވަނަ ދުވަހު (މިއަދު) ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 20 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.
މި ބިލުގެ ބޭނުމަކީ އިސްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތައިލުމަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖެއިން ފިޔަވަޅުއެޅުމުގެ ގޮތުން، ދިވެހިރާއްޖެއަށް އިސްރާއީލުގެ ޕާސްޕޯޓުގައި އިސްރާއީލުގެ ރައްޔިތުން އެތެރެވުން މަނާކުރުމެވެ.
ސަރުކާރުން ދަނީ ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްޠީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އިރުމަތީ ޤުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްޠީނަށް ދިނުމަށް ރައީސް މީގެ ކުރިން ވަނީ ގޮވައިލައްވައިފައެވެ.


