40 އަހަރަށްފަހު ޙަރަމްފުޅުގެ އިމާމެއް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މީޑިއާތަކަށް ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، އިއްޒަތްތެރި ރައީސް ޑރ މުއިއްޒުގެ ލަފާފުޅާއެކު، އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެރުވި ދައުވަތުގައި، މަދީނާގެ ޙަރަމްފުޅުގެ އިމާމް އަދި ޚަޠީބު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރު، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްކުރައްވަން، ރަސްގެފާނު ސަލްމާން ހުއްދަ ދެއްވައިފި ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު ޑރ. ޞަލާޙުލްބުދައިރުގެ މި ދަތުރުފުޅުގައި އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ދެއްވުމުގެ އިތުރުން ޢާއްމު ރައްޔިތުންނަށް ދީނީ ދަރުސެއް ދެއްވުމާއި އިލްމުވެރިންނާ ބައްދަލުކުރެއްވުމާއި ސަލްމާން މިސްކިތަށް ޒިޔާރަތްކުރެއްވުމާއި އިސްލާމީ މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުގެ އިތުރުން އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާކަމަށެވެ.
މިއީ 40 އަހަރު ފަހުން ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
ޙަރަމްފުޅެއްގެ އިމާމަކު މީގެ ކުރިން ރާއްޖެއަށް ވަޑަައިގެންނެވީ އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތަށެވެ. އެފަހަރު ވަޑައިގެންނެވީ މައްކާގެ ޙަރަމްފުޅުގެ އިމާމު ފަޟީލަތުއްޝައިޚު މުޙައަމަދު އައްސުބައްޔިލެވެ.
ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ މަދީނާގެ ޙަރަމްފުޅުގެ އިމާމު ޑރ ޞަލާޙުލް ބުދައިރަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވައި ވިދާޅުވާ ބޭފުޅެކެވެ. އަދި އެ ބޭފުޅާއަކީ އިސްލާމީ ދުނިޔޭގެ އިޙުތިރާމާއި ލޯބި ލިބިވަޑައިގެންފައިވާ އިލްމުވެރި ބޭފުޅެކެވެ.
މި ޒިޔާރަތުގެ ކަންކަން ކުރިއަށްދަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މަދީނާގެ ޙަރަމްފުޅުގެ އިމާމު ރާއްޖެވަޑައިގެންވުމުގެ ކަންކަން ހަމަޖައްސަވައިދެއްވި ކަމަށްޓަކައި ސައޫދީ އަރަބިއްޔާގެ އިއްޒަތްތެރި ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒަށާއި ވަލީ އަހުދު މުޙައްމަދު ބުން ސަލްމާނަށް މިނިސްޓަރު ޑރ. ޝަހީމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
އަދި ޒިޔާރަތުގެ އިންތިޒާމްތައް ހަމަޖެއްސެވުމުގައި ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީއިން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ވެސް މިނިސްޓަރު ޝުކުރު އަދާކުރައްވާފައިވެއެވެ.




