ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް، އިބްރާހިމް ތައާމު މުހައްމަދު މިއަދު އައްޔަންކޮށްފި އެވެ.
އެޗްޑީސީގެ ބޯޑު މެމްބަރު ކަމަށް ތައާމު އައްޔަންކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ކުރި ޓްވީޓެއްގައި ވަނީ ހާމަކޮށްފަ އެވެ.
ތައާމަކީ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއް ވެސް މެ އެވެ.
އޭނަ އެޗްޑީސީގެ ބޯޑަށް ޢައްޔަނުކޮށްފައި މި ވަނީ އެ ބޯޑުގެ މެމްބަރަކަށް ކުރިން ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނުގޭ މުޙައްމަދު ވަހީދު މި މަހުގެ 6 ގައި ވަކިކުރުމަށް ފަހު އެވެ.
އެޗްޑީސީގެ ބޯޑަށް ބަދަލުތަކެއް ގެންނަން ފެށީ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެ އިން ގޯތި ދޫކުރި ކަމަަށް ބުނާ މައްސަލަތަކެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފެށި ފަހުންނެވެ.
އެގޮތުން އެ މައްސަލަ ފެންމަތިވި އިރު، ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފަޒުލް ރަޝީދު މިދިޔަ ޑިސެންބަރު މަހު ސަސްޕެންޑްކޮށްފައި މަގާމުން އިސްތިއުފާ ދެއްވިއެވެ. އޭގެ ފަހުން އެޗްޑީސީގެ އެމްޑީއަކަށް އައްޔަންކޮށްފައި ވަނީ މުހައްމަދު މައުރޫފް ޖަމީލެވެ.
އަދި މިދިޔަ މަހުގެ ކުރީކޮޅު ވަނީ އެޗްޑީސީގެ ޗެއާމަނަކަށް ހުންނެވި އަހުމަދު ނާސިފް ބޯޑުން ވަކިކޮށް، ވެމްކޯގެ ޗެއާމަނަކަށް ބަދަލުކޮށްފަ އެެވެ.



