އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ 3 ވަނަ ބުރު މެއި އަދި ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހި، އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ތަމްރީނުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންނަށް ބައިވެރިވެވޭނެއެވެ.
މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ ގްރޭޑް 10، 11، 12 ގައި ކިޔަވާ ނުވަތަ ކިޔެވުން ނިމި 18 އަހަރު ނުފުރޭ ފަރާތްތަކަށެވެ.
ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އައިޑީ ކާޑު ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތައް، ސްކޫލް ލިޔުން އަދި ބެލެނިވެރިޔާގެ ހުއްދައިގެ ލިޔުން ހިމެނެއެވެ.
މާލޭގައި ދިރިއުޅޭ ދަރިވަރުންނަށް ފޭސް-ޓު-ފޭސްކޮށް އަދި އެހެން ރަށްރަށާއި ރާއްޖެއިން ބޭރުގައި އުޅޭ ދަރިވަރުންނަށް އޮންލައިންކޮށް ކުރިއަށްދާނެ މި ތަމްރީނު ފުރިހަމަކުރުމަށްފަހު، ޚަޠީބުކަމުގެ ސަނަދު ލިބޭނީ އިންޓަވިއު، ޓްރެއިނިންގ ސެޝަންތައް އަދި ލިޔުމުގެ އިމްތިޙާނުން ފާސްވާ ފަރާތްތަކަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މިހާތަނަށް ވަރަށް ކާމިޔާބު ޕްރޮގްރާމެއް ކަމަށްވެފައި، ވުޒާރާގެ އަމާޒަކީ 5 އަހަރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން އުފެއްދުމެވެ.
ޕްރޮގްރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 10 މޭ 2025 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަންވާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.




