ށ.މިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ މިނިސްޓްރީން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލު ކުރި މަޝްރޫއުގެ މަސައްކަތް ނިންމައި އެމިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.
މިކަމާއި ގުޅިގެން އާރްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، މި މަޝްރޫޢުގެ ދަށުން މިލަންދޫގެ ނުވަ މަގަކާއި ދެ ގޯޅިއެއް ހިމެނޭހެން ޖުމްލަ 6.3 ކިލޯ މީޓަރުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް މަގުތައް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
މި މަޝްރޫއު އަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 156،477،632.23 ދިވެހި ރުފިޔާ ޚަރަދު ކުރައްވާފައިވާ ކަމަށް އާރްޑީސީން އެބަޔާނުގައި ބުނެފައިވެއެވެ.
އާރްޑީސީން ބުނިގޮތުގައި މިލަންދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ މަގުތަކަކީ ވަރަށް ފެންވަރު ރަނގަޅު އަދި ހިތްގައިމުކޮށް ފަރުމާކޮށްގެން ތަރައްޤީކޮށްފައިވާ ޙިތް ފަސޭހަ މަގުތަކެކެވެ.
އަދި މި މަސައްކަތް މިހާ ފުރިހަމައަށް ކުރިއަށް ގެންދެވިފައި ވަނީ މިލަންދޫ ރައްޔިތުންނާއި ރަށު ކައުންސިލާއި ދައުލަތުގެ އިދާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެއްވި ފުރިހަމަ އެއްބާރުލުމާއި އެހިތެރިކަމުގެ ސަބަބުން ކަމަށް އާރްޑީސީން ފާހަގަކޮށްފައިވެއެވެ.
އާރްޑީސީން ވަނީ ޚާއްޞަކޮށް އެ ކޯޕަރޭޝަނުގެ މުވައްޒަފުންގެ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވި މިލަންދޫއަށް ނިސްބަތްވާ ފަންސާހަށްވުރެ ގިނަ މުވައްޒަފުންގެ ހިތްވަރާއި ބުރަ މަސައްކަތް ފާހަގަކޮށްފައެވެ.
”ށ. މިލަންދޫ އިން މިއަދު ފެންނަ ހިތްގައިމު އަދި ހިތްފަސޭހަ މަގުތަކުގެ ހަގީގީ މޭސް ތިރިންނަކީ އެ މުވައްޒަފުން ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.“ އާރްޑީސީން އެ ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން އާރްޑީސީން ވަނީ އެ ކޯޕަރޭޝަންގެ މެނޭޖްމަންޓާއި މުވައްޒަފުންގެ ނަމުގައި މިލަންދޫ މަގު ހެދުމުގެ މަޝްރޫޢުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވި މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.



