މިއަހަރުގެ ކުޑަކުދިންގެ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު މިއަދު ވަނީ ޕްރިންސިޕަލުންނާއެކު މަޝްވަރާކުރައްވާފައެވެ.
އެގޮތުން މާލޭ ސަރަޙައްދުގައި ހުރިހާ ސްކޫލުތަކުގެ ބައިވެރިވުމާއެކު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށާއި، އަތޮޅުތަކުގައިވެސް އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ މަޝްވަރާކުރެވިފައެވެ.
މިނިސްޓަރ ވަނީ ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް ބާއްވާއިރު ކިޔަވައިދިނުމުގެ ގަޑިތައް ނުގެއްލޭނެ ގޮތަށް އިންތިޒާމުކުރުމަށް އަންގަވާފައެވެ. އަދި މި ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންނަށް އެކުދިންގެ ހައްޤުތަކާއި، އެކުދިންނާމެދު މުޖުތަމަޢު ދެކޭ ހުވަފެންތައް ކިޔައިދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.
މި ހަރަކާތްތައް ރާވާއިރު ބެލެނިވެރިންނާއި މުދައްރިސުންނަށް ބުރަނުވާނެހެން، ޚަރަދުކުޑަކޮށް ކުރިއަށް ގެންދިއުމަށް އިރުޝާދު ދެއްވާފައިވެއެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިކަމާ ގުޅޭ އިތުރު މަޝްވަރާތައް ކުރިއަށްގެންދިއުމަށްފަހު، އިތުރު މަޢުލޫމާތު އާންމުންނާ ހިއްސާކުރާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.




