ބ. ކެންދު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް އެ ރަށަށް މިއަދު އާ ޖަނަރޭޓަރި ސެޓެއް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ފެނަކައިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެންދޫގައި ބޭނުންކުރާ 400 ކިލޯވޯޓުގެ ޖަނަރޭޓަރަށް އަޑީތެލާއި ފެން އެއްވުމުގެ މައްސަލަ ދިމާވުމާ ގުޅިގެން، ފެނަކައިގެ ޓެކްނިކަލް ޓީމުން ވަނީ އެ ޖަނަރޭޓަރު އޯވަހޯލް ކޮށްފައި ކަމަށެވެ.
ނަމަވެސް، 15 ދުވަސް ފަހުން އިތުރު ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ޖަނަރޭޓަރު ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާކަމަށް ފެނަކައިން ބުނެފައިވެއެވެ.
ބާކީ ހުރި 400 ކިލޯވޯޓުގެ އެއް ޖަނަރޭޓަރާއި 250 ކިލޯވޯޓުގެ ޖަނަރޭޓަރުން ރަށަށް ބޭނުންވާ މެކްސިމަމް ލޯޑު ނުދެވުމުގެ ސަބަބުން ބައެއް ފީޑަރުތަކުން ކަރަންޓު ކަނޑަން ޖެހުނު ނަމަވެސް، ފެނަކައިގެ ޓެކްނިކަލް ޓީމުގެ މަސައްކަތުން ރޭ ދަންވަރު 1:15 އާ ހަމައަށް މުޅި ރަށަށް ކަރަންޓުގެ ޚިދުމަތް ދެވިފައިވާ ކަމަށް ފެނަކައިގެ ބަޔާނުގައި ބުނެފައިވެއެވެ.
ފެނަކައިން ބުނިގޮތުގައި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި މިއަދު ކެންދޫއަށް 400 ކިލޯވޯޓުގެ އާ ޖަނަރޭޓަރެއް ފޮނުވައި، 48 ގަޑިއިރުގެ ތެރޭގައި އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މައުލޫމާތު ލިބޭގޮތުގައި ކެންދޫން ކަރަންޓު ކެނޑޭތާ މިހާރު ހަ މަސް ވެއްޖެއެވެ. އަދި އިއްޔެ މެންދުރު ފަހުން ފެށިގެން މުޅި ރަށުން އޮތީ ކަރަންޓު ކެނޑިފައެވެ.



