ހ.އ ދިއްދޫ މަގު ހެދުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން މީޑިއާގައި ހިއްސާ ކުރި މެސެޖުގައި ބުނީ، ހއ. ދިއްދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ މަގުތަކުގެ ތެރެއިން، ޣާޒީމަގުގައި މަގު ކޮނުމާއި ބެކް ފިލިންގގެ މަސައްކަތް އަދި އުންމީދީ ހިނގުމުގައި ކާރބް ސްޓޯން ޗެމްފަރ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
ދިއްދޫ މަގު ހެދުމުގެ މަސައްކަތް އާރުޑީސީން ފެށީ އޭޕްރިލް 2022 ގައެވެ. ނަމަވެސް ތަފާތު އެކި ސަބަަބުތަކާ ހުރެ 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން އެ މަޝްރޫއުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ.
ނަމަވެސް ރާއްޖޭގެ ރަށްތަކުގެ ތަރައްގީއަށް ހިންގާ މަޝްރޫއުތަކުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްް ގެންދިއުމަށް މި ސަރުކާރުން އެކުލަވާލި ސިޔާސަތުގެ ދަށުން މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެ މަސައްކަތް ވަނީ އަލުން ފަށައިފަ އެވެ.
އެގޮތުން މަޝްރޫއު އޭރު ފެށީ 540 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންޖެހޭ ގޮތަށެވެ.
މި މަޝްރޫއު އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 108.5 މިލިއަން ރުފިޔާ އަށެވެ.



