މިއަދާއި ހަމައަށް މަސްވެރިންނަށް 470 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރެވޭ ގޮތަށް ހަމަޖެއްސުމުގެ ސަބަބުން، ކުރިން މަސްވެރިކަން ދޫކޮށްލި ޒުވާނުން އަލުން މަސްވެރިކަމަށް އައިސްފައިވާ ކަމަށެވެ.
މީގެ ސަބަބުން ދިވެހި މަސްދޯނިތަކުގައި މަސައްކަތްކުރާނީ ދިވެހިން ކަމުގައި ހެދުމުގެ އަމާޒަށް ވާސިލުވެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަސްވެރިންގެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެއްވެސް މެދުކެނޑުމެއްނެތި މަސްވެރިންނަށް ފައިސާ ދޫކުރެވެމުންދާކަމަށާއި، މިމުއްދަތުގައި 470 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، މަސްވެރިންގެ ދަފްތަރުގައި މަސްދޯނިތަކުގެ 95 އިންސައްތަ ރަޖިސްޓަރީ ކުރެވިފައިވާކަމަށާއި، މިކަމުގެ ސަބަބުން މަސްވެރިކަމަކީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ މަސައްކަތެއްގެ ގޮތުގައި ބޭންކުތަކުން ބަލައިގަންނާނެ ކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، މިހާތަނަށް 18 އައު ކަނދުފަތި ޤާއިމުކުރެވި، ކަނޑައިގެން ގޮސްފައިވާ 21 ކަނދުފަތި އަލުން ބެހެއްޓިފައިވާ ކަމަށެވެ.
އަދި މަސްވެރިންގެ ރައްކާތެރިކަމަށްޓަކައި 56 ދޯންޏަކުން 56 ރެސްކިއު ޑައިވަރުން ތަމްރީނު ކުރެވިފައިވާކަންވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.



