ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ”ޣައްޒާއާ އެކު އައްޑޫ“ ގެ ނަމުގައި މިއަދު ހަވީރު ހާއްސަ ހަރަކާތެއް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
މި ހަރަކާތަކީ ދީނީ އިލްމުވެރިންނާއި މަދަނީ ޖަމިއްޔާތަކާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން އިންތިޒާމުކުރާ ހަރަކާތެކެވެ.
މި ހަރަކާތް އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ފޭދޫ މިޝްކާތު ފައުންޑޭޝަނާއި ހިތަދޫ ނޫރުލް އިސްލާމް ޖަމިއްޔާ އެވެ.
މި ހާއްސަ ހަރަކާތަށް އިސްރާ އެސޯސިއޭޝަންގެ ރައީސް ޝައިޚް ޙުސައިން އަންޞާރު އާއި ނައިބު ރައީސް ޝެއިޚް މުޙައްމަދު ޝިފާން ވެސް އައްޑޫ އަށް ވަޑައިގެންފައިވެ އެވެ.
ހަވީރު 4:15 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތުގައި ވެހިކަލް ބުރެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ހިތަދޫން ބައިވެރިވާ ފަރާތްތަކުން ނޭޗާ ޕާކު ކުރިމައްޗަށާއި، އެހެން އަވަށްތަކުން ބައިވެރިވާ ފަރާތްތަކުން އެ އަވަށެއްގެ ބަނދަރުމައްޗަށް ހަވީރު 4:15 އަށް ހާޒިރުވާން ޖެހެ އެވެ.
އަދި 4:30 ގައި ވެހިކަލްތަކުގައި ދަތުރުކޮށް ހިތަދޫ ސިޓީ ސްކެއާ ސަރަހައްދަށް ޖަމާވުމަށް ވަނީ ހަމަޖެހިފަ އެވެ.
އިންތިޒާމުކުރާ ފަރާތްތަކުން ބުނީ މި ހަރަކާތުގައި އައްޑޫގައި ދިރިއުޅޭ ކުދިބޮޑު ހުރިހާ އެންމެން ބައިވެރިވުމަށް އެދޭ ކަމަށެވެ.
އަދި އެއްވުމަށްދާ އިރު، ފަލަސްޠީނުގެ ދިދަ އާއި ކުލައާއި ރަމްޒުތައް ބޭނުންކުރުމަށާއި، ސައިކަލު ބުރުގައި ބައިވެރިވާ ފަރާތްތަކުން ޓްރެފިކް ޤަވާޢިދާ އެއްގޮތަށް ހެލްމެޓް އެޅުމަށް އިލްތިމާސްކޮށްފައިވެ އެވެ.
މި ހަރަކާތް ނިންމާލުމަށް ހަމަޖެހިފައި ވަނީ ހަވީރު 6:00 ގައި ޚާއްޞަ ދުޢާއަކުންނެވެ.




