މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރަޕީ ފަރުވާއަށް ދައުލަތުން 25 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ވިދާޅުވެއްޖެވެ.
އެންސްޕާއިން މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް ކުރައްވާފައިވާ ސުވާލުތަކަށް ލިއުމުން ދެއްވި ޖަވާބުގައެވެ.
މެމްބަރު މުޙައްމަދު އިބްރާހީމް ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދީންގެ ތެރެއިން ތެރަޕީ ޚިދުމަތް ބޭނުންވާ ކިތައް ފަރާތް އެންސްޕާގައި ރަޖިސްޓްރީ ކުރެވިފައި ވޭތޯއާއި އަދި އޭގެތެރެއިން ރާއްޖެއިން ބޭރުގައި ދިރިއުޅެނީ ކިތައް ފަރާތްތޯ ސުވާލުކުރައްވާފައެވެ.
މެމްބަރު މުޙައްމަދު އިބްރާހީމްގެ ސުވާލަށް އެންސްޕާއިން ޖަވާބުދެއްވަމުން، 2023 ވަނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް 675 ފަރާތަކަށް 25.4 މިލިޔަން ރުފިޔާ ތެރަޕިއުޓިކް ފަރުވާއަށް ދޫކޮށްފައިވާ ކަމަށް ބުންޏެވެ.
މީގެ ތެރޭގައި 18 އަހަރުން ދަށުގެ 652 ކުއްޖަކަށް 24.8 މިލިޔަން ރުފިޔާ އަދި ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ޚިދުމަތް ހޯދާ 30 ފަރާތަކަށް 1.2 މިލިޔަން ރުފިޔާ ހިމެނޭ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
އެންސްޕާއިން ބުނިގޮތުގައި 2022 ވަނަ އަހަރު ނުކުޅެދުންތެރިކަން ހުންނަ ކުދީންގެ ތެރަޕިއުޓިކް ފަރުވާއަށް ޖުމްލަ 96.7 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މީގެ ތެރޭގައި 18 އަހަރުން ދަށުގެ 1031 ކުއްޖަކަށް 94 މިލިޔަން ރުފިޔާ އަދި ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ޚިދުމަތް ހޯދާ 54 ކުއްޖަކަށް 4.2 މިލިޔަން ރުފިޔާ ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި މީހުންގެ ކަންބޮޑުވުންތައް ބޮޑުވެފައި ވަނިކޮށް، ދާދި ފަހުން ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްވަނީ އެ ކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި، އެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވިދާޅުވެފައެވެ.




