މިދިޔަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ ނަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.
ޖީއެސްޓީ ނުދައްކައިގެން އާންމުކުރި މި ލިސްޓްގައި މަޝްހޫރު އެތަށް ކުންފުނިތަކެއް ހިމެނޭހެން ޖުމްލަ 146 ފަރާތެއް ހިމެނެ އެވެ.
އޭގެ ތެރޭގައި ލިޓަސް ކޮންސްޓްރަކްޝަނާއި ލިޓަސް ޓްރޭޑިން، މޭރީ ބްރައުން ފެމިލީ ރެސްޓޯރަންޓާއި ނަޒާކީ ސާވިސެސް އާއި ރެއިންބޯ އެލޫމިނިއަމާއި ސީރާ ފާސްޓްފުޑާއި ވަގުތު މީޑިއާ، ހުދުމާ ހޯލްޑިންގްސް، ކިންގްސްޓަން، އަދި ޓެޕްކޮން ހާޑުވެއާ ފަދަ ބޮޑެތި ކުންފުނިތައް ހިމެނެ އެވެ.
މީރާއިން އާންމުކުރި މި ލިސްޓުގައި ހިމެނެނީ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުދައްކާ، ޓެކުހުގެ އަދަދު 600،000ރ. އަށް ވުރެ މަތި ފަރާތްތަކެވެ.
މީރާއިން މި މަޢުލޫމާތު ހާމަކުރަނީ އެފަރާތްތަކަށް ތަކުރާރުކޮށް ހަނދާންކޮށްދީ، ނޯޓިސް ފޮނުވައި، އިތުރު މުއްދަތާއި ފުރުސަތު ދިނުމަށްފަހުގައެވެ. އަދި އެފަރާތްތަކަށް އެކި ލުއިތައް ވެސް ފޯރުކޮށްދެއެވެ.
އެއްފަހަރާ ޓެކްސްގެ ފައިސާ ދެއްކެން ނެތް ފަރާތްތަކަށް، އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެންވެސް ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމުގެ ފުރުސަތު މީރާއިން ދެއެވެ.




