ސްޕެނިޝް ލީގުގައި ރޭ ސެލްޓަ ވީގޯ 4-3 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ބާސާއިން އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ފެރާން ޓޮރެސް ލަނޑެއް ޖެހި ނަމަވެސް، އޭގެ އިރުކޮޅެއްފަހުން ބޯހާ އިގްލޭސިއަސް ސެލްޓާއަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.
އިގްލޭސިއަސް ދެވަނަ ހާފުގެ ކުރީކޮޅުގައި އިތުރު ދެލަނޑު ޖަހައި ހެޓްރިކް ފުރިހަމަކުރިއެވެ.
މެޗު އަނބުރާލަން ބާސާއިން ޖެހި ފުރަތަމަ ލަނޑު، 64 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ޖެހި އިރު، އޭގެ އިރުކޮޅެއްފަހުން ރަފީނިއާ ވަނީ އެއްވަރު ކޮށްފައެވެ.
އިތުރު ވަގުތުގެ ގޮތުގައި 8 މިނެޓް ދައްކާފައިވާ އިރު، 97 ވަނަ މިނެޓުގައި ބާސާ މެޗުން މޮޅުވީ ވީއޭއާރް ބަލައި ރެފްރީ ދިން ޕެނަލްޓީއަކުންނެވެ. ޕެނަލްޓީ ބާސާއަށް ޖަހައިދިނީ ރަފީނިއާއެވެ.
ރޭގެ މޮޅާއެކު ބާސާއިން ވަނީ ލީގު ނެގުމާ އިތުރަށް ގާތަށް ޖެހިލައިފައެވެ. ބާސާ މިވަގުތު އެއްވަނައިގައި އޮތީ 32 މެޗުން 73 ޕޮއިންޓާއެކުގައެވެ.
ދެވަނައިގައި ލީގަށް ވާދަކުރަމުންދާ ރެއާލަށް 31 މެޗުން 66 ޕޮއިންޓް ލިބިފައިވާ އިރު، މެޗެއް އަތުގައި އޮވެ، ރެއާލް އޮތީ ހަތް ޕޮއިންޓް ފަހަތުގައެވެ.




